ދެންނެވުމެއް

by Admin on ،ޖުލައި 28, 2010

بسم الله الرحمن الرحيم

ޢަދާލަތު ޕާޓީ

މާލެ، ދިވެހި ރާއްޖެ

ނަންބަރު: 13/2010/އޭއާރު/އޭޕީ

ދެންނެވުމެއް

اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، وَالْعَاقِبَةُ لِلْمُتَّقِينَ ، وَلاَعُدْوَانَ إِلاَّ عَلَى الظَّالِمِينَ ، وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ ، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ ، وَبَعْدُ !

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންމިދާ ކަންތައް ތަކާމެދު ކަންބޮޑުވާން އެބަޖެހެއެވެ. ކޮންމެ ބަޔަކުވެސް ތިމާމެންގެ މަޠްލަބު ފުއްދާލުމަށްޓަކައި މިލޮބުވެތި ޤައުމު ޤުރުބާންކުރަނީއެވެ. ޤާނޫނު އަސާސީއަކީ ތިމާމެންގެ ނިވަލަކަށް ހަދަމުންދަނީއެވެ. ޤާނޫނު އަސާސީގެ އެއްމާއްދާއާއި އަނެއް މާއްދާ ފުށުއަރާވާހަކަ ދައްކަނީ ޚުދް ތިމާމެންގެ މަޤްޞަދު ފުށުއަރުވައިގެން ތިބެއެވެ. ޤާނޫނު ބަހަނާއަކަށް ހަދައިގެން އެޤާނޫނުގެ ނިވަލަށް ވަދެތިބެ، ޤާނޫނު ފުނޑުފުނޑު ކުރަނީއެވެ. މިޤައުމުގެ ރައްޔިތުން ކުރަމުންއައި އުއްމީދަކީ ހަމަ މިއީތޯއެވެ؟ ޕޯޑިއަމްތަކުގައި ވެފައިވާ ވަޢުދާއި އިންޞާފުގެ ގޮނޑިކުރިމަތީގައި ކޮށްފައިވާ ހުވައިގެ މާނައަކީ ހަމަ މިއީތޯއެވެ؟

މިއަދު އިވެމުން މިދަނީ މާތް ﷲގެ ބިމުގައި އެއިލާހުގެ އަޅުންގެ މެދުގައި އެއިލާހު އަންގަވާފައިވާ ގޮތުގެ މަތިން ޢަދުލު އިންޞާފު ޤާއިމުކުރާނޭ ފަނޑިޔާރުންގެ ގޮތުގައި ރާއްޖޭގައި މިހާރު ތިއްބެވި ވަގުތީ ފަނޑިޔާރުން އެބޭފުޅުންގެ ޢުމުރަށް، ދާއިމީ ކުރުމުގެ ޕްރޮގްރާމެއް، ކަމުގެ މަސްއޫލިއްޔަތު ކޮނޑުއަޅާފައިވާ އެންމެ އިސް މުއައްސަސާކަމުގައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނުން، އެކަމަށް ޢަމަލީ ފިޔަވަޅު އަޅުއްވަމުން ގެންދަވާ އަޑެވެ.

އިލާހީ ޢަދުލުވެރިކަމުގެ ތަރާދު އިންޞާފުގެ ޙުކުމް އިއްވަވަމުންދާނަމަ، އެފަދަ ބަޔަކު ދާއިމީ ވުމަކީ އިންތިހާއަށް އުފާކުރަންޖެހޭ ކަމެކެވެ. އަދި ޚާލިޤުވަންތަ އިލާހުގެ އެދިވޮޑިގަތުމާއި ރުހިވޮޑިގަތުމާ ޚިލާފަށް، ޢަދުލު އިންޞާފުގެ ޞަފުޙާތައް އަތަށްލައިގެން ތިބިމީހުންގެ ކިބައިން އަނިޔާވެރިކަމާއި ބޭއިންޞާފުގެ ޢަމަލު ފެންނަމުންދާނަމަ އެއަށްވުރެން ބޮޑު ހިތާމަވެރިކަމެއް މިބިންމަތިން ފެނިގެނެއްނުދާނެކަން ކަށަވެރެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން ކަމުގައިވިއަސް އަދި އެނޫން މުއައްސަސާއެއްކަމުގައި ވިއަސް ޢަމަލުކުރަންޖެހޭނީ، އަދި ޢަމަލުކުރަންވާނީވެސް ޤައުމާއި ރައްޔިތުންގެ ލާބައަށެވެ. ތިމާމެންގެ އަމިއްލަ މަޤްޞަދެއް ފުއްދާލުމަކަށްނޫނެވެ. ނުވަތަ ބައެއްގެ ކިބައިން ބަދަލުހިފުމުގެ ޝުޢޫރު އިސްކޮށްގެނެއްވެސް ނޫނެވެ. ތިމާމެންނަކީ ޤާޟީންގެ ވެރިންކަމުގައި ދެކޭނަމަ، އެއުރެންނަށް ޢަދުލުއިންޞާފުގެ ތަރާދަކީ ވަކިފަރާތަކަށް ނުޖެހޭ ހަމަހަމަ އެއްޗެއްކަން އަންގައިދިނުމަކީ ތިމާމެންގެ އެންމެ ފުރަތަމަ ވާޖިބުކަމުގައި ދެކި، އެކަމުގެ ވަރުގަދަ ޢަޒުމު ހިތުގައި ބިންވަޅު ނަގަންވާނެއެވެ.

މިއަދު އުފެދޭ ސުވާލަކީ ޤާނޫނީ އެއްވެސް ނިވަލެއް ލިބިފައިނުވާ ފަނޑިޔާރުގެތަކަށް، ޤާނޫނީގޮތުން ޙިމާޔަތްލިބި، ހިނގާނެ މަގާއި އުޞޫލުތައް ޤާނޫނުން ކަނޑައެޅިފައިނުވާ ފަނޑިޔާރުންތަކެއް، ޖުޑީޝަލް ސަރވިސް ކޮމިޝަނުންގެ ފަރާތުން ދާއިމީ ބަޔަށް ހެއްދެވުމުގެ ކުރިން އެކޮމިޝަނުން ކަންކުރަންވާގޮތާއި އެކަމާމެދު ޤާނޫނު އަސާސީގެ ރޫޙުހުރީ ކިހިނެއްކަން ކުޑަވަގުތުކޮޅަކަށްނަމަވެސް ވިސްނާވަޑައިނުގަތީ ކީއްވެބާއެވެ؟ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ރ)ގައި ލިޔެފައި އެވާ، ފަނަރަ އަހަރުވާންދެން، ފަސްއަހަރަށްވުރެ ދިގުނޫން މުއްދަތެއް ކަނޑައެޅުމުގެ އިޚްތިޔާރު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށް ހުށަހަޅާފައިވަނީ ހަމަ ރީއްޗަކަށް ލިޔެލާފައި އޮތް އަކުރެއްގެ ގޮތުގައިހެއްޔެވެ؟ ރާއްޖޭގައި މިހާރު ޙުކުމް ކުރަށްވަމުން ގެންދަވާ ބައެއް ޤާޟީންގެ ތެރޭގައި ޝަރުޢީދާއިރާއާއި ޤާނޫނީ ދާއިރާއިން ވެސް މާބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިނުވާ ބޭފުޅުން ތިއްބެވި ކަމާއި، ކުޑަ ދުވަސްކޮޅަކު ރާއްޖޭން ފަނޑިޔާރުކަމުގެ އާދައިގެ ތަމްރީނެއް ހޯއްދަވާފައިވާ ބޭފުޅުންވެސް ތިއްބެވިކަން ނުދަންނަ ރައްޔިތަކު މިރާއްޖޭގައި އެބައުޅޭހެއްޔެވެ؟ އަދި މިބުނެވުނުފަދަ ޤާޟީންގެ ތެރޭގައި މިއޮތް ކުރިއަރާފައިވާ ޒަމާނުގެ ޖިނާއީ ބޮޑެތި ކުށްތަކާއި ކޮމާޝަލް ބިޔަ މައްސަލަތައް ކޯޓުތަކަށް ވަންނަމުންދާއިރު، އެކަންކަމަށް ޢަދުލުވެރި ޙައްލެއް ހޯދައިދިނުމުގެ ފުރިހަމަ ޤާބިލްކަންހުރީ އޭގެތެރޭން ކިތައް ޤާޟީންގެ ކިބައިގައިތޯ ބެއްލެވުމެއްނެތި، ހަމައެއާއެކު ޤާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި އެބުނާ ޤާބިލިއްޔަތާއި މަސްއޫލިއްޔަތު އުފުލުމާއި އަޚްލާޤުގެ މިންގަނޑަށް ވެސް ބެއްލެވުމެއްނެތި، ބަދަލު ހިފުމުގެ ޝުޢޫރު އިސްކުރަށްވައިގެން، ނުވަތަ އަމިއްލަ ސިޔާސީ ފައިދާއަކަށްޓަކައި ފަނޑިޔާރުގޭގެ ދޮރާށި ހުޅުވާލައިގެން ހަމަ އަތުޖެހުނު ބަޔަކު ވެއްދެވުމަކީ، މިއަދު އެކަންކުރާބަޔަކު މާދަމާ ކަރުނައަޅަންޖެހޭނެ ކަމެއްކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.

އެހެންކަމުން ރާއްޖެއަށާއި ދިވެހި ރައްޔިތުންދެކެ ހެއުއެދޭ މީހެއްގެ ގޮތުގައްޔާއި ޢަދާލަތު ޕާޓީ ހިންގުމާ ޙަވާލުވެހުރި މީހެއްގެ ޙައިޘިއްޔަތުން، ހުރިހާ ފަރާތްތަކަށް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން އޮތްވާހަކައަކީ ހަމަ އެންމެ ވާހަކައެކެވެ. އެއީ، މިޤައުމަކީ އަންނާންއޮތް ދިވެހި ޖީލުތަކަށް އުޅެވޭންއޮތް ތަނަކަށް ހަދަން ސިޔާސީ ހުރިހާ ފަރާތްތަކުން މަސައްކަތްކުރުން ކީއްތޯއެވެ؟ ތިމާމެންނަށް ވެރިކަންވެސް ކުރެވޭނީ އަމާން ތަނެއްގެ ގޮތުގައި މިޤައުމު އޮވެގެންނޫންތޯ ކުޑަކޮށްނަމަވެސް ވިސްނާވަޑައިގަތުން ކީއްތޯއެވެ؟ ތިމަތިމާމެންގެ ހިތްތަކުގެ އުދާސް ފިލުވާލާނެ ދަނޑަކަށް މިޤައުމުގެ ފަސްގަނޑު ހައްދަވައިގެން މާދަމާ ހިތާމަކުރައްވަން ނޫޅުއްވާށެވެ! ޤައުމާއިގެން އަމާން ބަނދަރަކަށް ދެވޭނީ އިޚްލާޞްތެރި ހިތެއް ތިމާގެ އެތެރެހަށީގައި ލެއްވިއްޔާއެވެ. އެފަދަ ހިތެއްގެ ވެރިއަކަށް ވުމަށްވުރެ އަމާން ބަނދަރެއް، ހަމަހިލާ ފަރުދަކަށް ނުލިބޭނެކަން ކަށަވަރެވެ.

މާތް ﷲ މިޤައުމުގެ އިސް ސަފުގައި ތިއްބެވި، ޤައުމުގެ ސިޔާސީ އެންމެހައި މޭސްތިރީންނަށް ހެއުގޮތް ދައްކަވާށިއެވެ! އެއުރެންގެ ހިތްތަކުގައި ޤައުމީ ލޯބިޖައްސަވާށިއެވެ! ދެދުނިޔެއާއިގެން އަމާން ބަނދަރަކަށް ދިއުމަށް މަސައްކަތްކުރުމަށް އެއުރެންގެ ހިތް ޖައްސަވާށިއެވެ. އާމީން!

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ .

ޙުސައިން ރަޝީދު އަޙްމަދު

ޢަދާލަތު ޕާޓީގެ ރައީސް



{ 5 ކޮމެންޓް }

މާހިރު، ހުޅުދޫ ،ޖުލައި 29, 2010 at 2:47 am

ޝޭޚު ޙުސައިން ރަޝީދެވެ’ ގަބޫލު ކުރަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. މިގައުމަށް ކުރިމަތިވެގެން މިއުޅެނީ ޖުމުލަ ގޮތެއްގައި 3 މައްސަލައެކެވެ. ފުރަތަމަ މައްސަލައަކީ އެއްބަޔަކަށް ވެރިކަން ނުލިބުމެވެ. ދެވަނަ މައްސަލައަކީ ގައުމުގައި ތިބި އަފޫރުއްބަ ޚިޔާނާތްތެރިން އަޑީގައި ތިބެ ގައުމު ފިތުނަވެރި ކުރުވުމެވެ. ތިންވަނަ މައްސަލައަކީ ދުސްތޫރީ ފުށުއެރުމުގެ މައްސަލައެވެ. ޙަގީގަތުގައި މިރާއްޖޭގައި ޤާނޫނީ ގޮތުން އެކަމުގެ ފުރިހަމަ އިލްމުލިބިފައިވާ ހުނަރުވެރިން ވެސް މަދެވެ. އެކަމުގެ ނަތީޖާ މިއަދު ރާއްޖޭގެ ޤާނުނު އަސާސީ ތަންފީޒް ވަމުންދާ އިރު، މިހިރަދަނީ ފެންނަމުންނެވެ. ދައުލަތުގެ ޤާނޫނީ ބާރުތައް ހިންގުމުގައި ޤާނޫނީ ގޮތުން ގިނަގުނަ ފުށުއެރުންތަކެއް އެބަ ފެންމަތިވެއެވެ. މިގޮތަށް ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ ޤާނުނުތައް ފަރުމާކުރުމުގެ ފައްނާނުން މަޖިލީހުގައި ނެތި ޤާނޫނު އަސާސީ ފަރުމާކުރުމުގެ ސަބަބުން، ޤާނޫނުތަކުން އަދާކުރަންޖެހޭ ހިލްމުވެރި ދައުރު ކިލަނބުވެ ދުސްތޫރީ އަމާޒްގެއްލި އިންތިގާލީ މަރުޙަލާގެ މުހިއްމު މަގުޞަދު ފުނޑުފުނޑުވެ ޤާނޫނީ ބައެއް މާއްދާތަކުގެ މަފްޙޫމްތަކުގައި ބަރުލަމާނީ ސިފަޖެހި އަނެއްބައި މާއްދާތަކުގައި ރިޔާސީ ކުލަޖެހި މުޅި ޤާނޫނު އަސާސީ ކިލަނބުވެ އޮތުމެވެ. މިހެންވީ ކީއްވެހެއްޔެވެ؟ ސަބަބަކީ އިބްރާހީމް އިސްމާޢީލް ފަދަ މަދު ބޭފުޅަކު ފިޔަވައި އެއިރުވެސް ޤާނޫނީ ޢިލްމުވެރިކަމާއި، ޙިލްމުހުރި ބޭބޭފުޅުން މަޖިލީހުގައި ނެތުމެވެ. ޙަގީގަތުގައި ވަރަށް ގިނަގުނަ ޤާނޫނީ މަސްދަރު ތަކުގެ އިލްމުނެތި ޤާނޫނުތައް ފަރުމާ ނުކުރެވޭނެއެވެ. މިސާލަކަށް ޤާނޫނުތަކުގެ މައްޗަށް ބަހުސްކުރުމުގެ އިލްމާއި ޤާނޫނުތައް ފަރުމާކުރުމުގެ އިލްމަކީ މުޅިން ދެއިލްމެކެވެ. އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަނަށް ފަހު އެމެރިކާގެ 4 ވަނަ ރައީސް މިސްޓަރ ޖޭމުސް މެޑިސަން އެމެރިކާގެ ޤާނޫނުތައް އަލުން ފަރުމާ ކުރެއްވިއެވެ. އެއީ ޤާނޫނު ފަރުމާކުރުމުގެ މާހިރެކެވެ. އީޔޫއިން ރާއްޖެއަށް ފަރުމާކޮށް ދިން ނަމޫނާ ޤާނޫނު އަސާސީ ނަކަލަކަށް ބަލާ މިރާއްޖޭގެ ޤާނޫނު އަސާސީ ފަރުމާކުރި ނަމަ، މިއަދު މިހެންނުވީހެވެ’
ޙަގީގަތުގައި ޤާނޫނުތައް ފަރުމާކުރެވޭނީ ޤާނޫނީ ޙައްޤުގެ އިލްމުގެ މުހިއްމު މަބާދީތަކާއި އެއިލްމުގެ ފުރިހަމަ ރިސާޗް ތިއަރީތަކާއި، ދުސްތޫރީ އިލްމުގެ ޤާނޫނާއި ސިޔާސީ ތަންޒީމުތަކުގެ ޤާނޫނާއި އިދާރީ ޤާނޫނުތަކާއި އިދާރީ ޝަރީޢަތްތަކާއި، ޢާއްމު އިދާރީ ހިންގުންތަކުގެ ޤާނޫނާއި ބައިނަލްއަޤްވާމީ ތަންޒީމުތަކާއިބެހޭ، ޤާނޫނާއި ޢާންމު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚާއްސަ ޓްރިބިއުނަލް ކޯޑްތައް ހިމެނޭ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި، ގުލޯބަލް ރިކޮގްނައިޒްޑް ޤާނޫނުގެ ތާރީޚުތަކާއި، ބައިނަލް އަގުވާމީކަނޑުގެ ޤާނޫނުތަކާއި. މިޒަމާނުގައި ކަނޑު މަގުންކުރާ ވިޔަފާރީގެ މޮޑެން ޤާނޫނުތަކާއި، ކުށްތަކުގެ މައްޗަށް ރިޢާޔަތް ކުރުމުގެ ފޮރެންސިކް ހުނަރުހުރި ޢުޤޫބާތުގެ ޢިލްމާއިބެހޭ ޤާނޫނުތަކާއި ސްޓޭޓަސް ޖިނާއީ ޢާއްމު ޤާނޫނުތަކާއި ޖިނާއީޚާއްސަ ޤާނޫނުތަކާއި ކޮންޓްރެކްޓްތަކާބެހޭ، ޤާނޫނާއި ސޯޝަލް ޤާނޫނާއި ބިޒްނަސް ޤާނޫނުތަކާއި ކުންފުނިތަކުގެ އާއްމުޤާނޫނާއި، ބައިނަލް އަގުވާމީ ވަޒީފާގެ ޤާނޫނާއި ޖިނާއީ އިޖްރާއާތު ތަކާބެހޭ، ޤާނޫނުތަކާއި މަދަނީ އިޖްރާއާތާއި ތަންފީޒު ކުރުންތަކާބެހޭ، ޤާނޫނުތަކާއި ޝަޚްސީ އަދި މަރުކަޒީ ޤާނޫނާއި ޢާއިލާއާބެހޭ، ޤާނޫނުތަކާއި، އިޤްތިސާދާއި ކޯޕަރޭޓިވް ލޯ، ޤާނުނުތަކާއި ބައިނަލް އަޤްވާމީ ވިޔަފާރިއާއިބެހޭ، ޤާނޫނުތަކާއި ސިޔާސީ އަދި އިޤްތިސާދީ ޤާނޫނުތަކާއި، ދައުލަތުގެ މާލިއްޔާތާއިބެހޭ ޤާނޫނުތަކާއި، ޓެކްސްއާއިބެހޭ ޤާނޫނުތަކާއި އިންސާނީ އާއްމު ބޭނުންތަކާއި ގުޅުންހުރި ބައިނަލް އަގުވާމީ ކޮވެނަންޓް ތިއަރީތަކުގެ އިލްމުނެތި ޤާނޫނީ މާއްދާތައް ފަރުމާ ނުކުރެވޭނެއެވެ. ހަގީގަތުގައި ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކިލަނބުވީ މަތީގައި ނަންގަނެވުނު ޤާނޫނީ އިލްމުނެތި ޤާނޫނު އަސާސީ ފަރުމާކުރުމެވެ. ބައްލަވާށެވެ’ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކަށައެޅުނު ޤާނޫނުލް ޢުޤޫބާތުގެ އަސްލަކަށް ބަލާފައި އޮތީ އިންޑިއާގެ މުސްކުޅި ޤާނޫނުލް އުޤޫބާތުގެ ޕީނަލްކޯޑުގެ އަސްލެވެ. އެކަމުގެ އަސަރު އަދިވެސް ކެނޑިގެން ނުދެއެވެ.
ތެދެކެވެ’ ތިމާމެންގެ އެއުރެންނަށް ޢަދުލު އިންޞާފުގެ ތަރާދަކީ، ވަކިފަރާތަކަށް ނުޖެހޭ ހަމަހަމަ އެއްޗެއްކަން އަންގައި ދިނުމަކީ ތިމާމެންގެ އެންމެ ފުރަތަމަ ވާޖިބުކަމުގައި ދެކި، އެކަމުގެ ވަރުގަދަ ޢަޒުމު ހިތުގައި ބިންވަޅު ނަގަންވާނެއެވެ. ނަމަވެސް އެކަންކުރެވޭނީ އުފެދުމުގައި އަމާނާތް ތެރިކަމުގެ ސިފަ ގުދުރަތުން ލިބުނު ބަޔަކަށެވެ. ރިޝްވަތް ހޯދުމަށް ތިމާގެ ދެއަތް ދިއްކުރުމުގެ އާދަ ކަށީގައި ހިފާފައި ތިބި ބަޔަކަށް ޝުރާގެ މަތިވެރި އުސޫލުން އަދުލު އިންސާފް ގާއިމުކުރެވޭނެ ހެއްޔެވެ؟

އަހުމަދު ،އޯގަސްޓް 2, 2010 at 10:22 am

ދުނިޔެއަށް ވިކިގެން ތިއޮތް ގޮސް ހުސްވަނީ. މައުމޫން ވިއްޔާ 30 އަހަރުގެ ދިގުމުއްދަތެއްގަ ވެރިކަން ކުރުމުން ކަންތައްތަކެށް ހުންނާނީ އަތުން ދޫވެފަގައި މުވެސް. ތިބޭކަލުން 2 އަހަރު ވެގެންދާއިރު ރައްޔިތުންނަށް ހާދަ އަނިޔާއެއް އެބަދެޔޭ. ތިޕާޓީގެ އިސްސަފު ބަދަލުކުރަން މިހާރު ނުވޭތޯ. ބޭނުންވަނީ ޟޭހް އިލްޔާސް އަލީ ޒާހިރު މެން ކަހަލަ ސޭހުން.

އަހުމަދު ،އޯގަސްޓް 3, 2010 at 12:01 pm

ދިނީ ޕާޓީ ކޮން ހުރިހާ ކަމަކާ ތިބެހިނަގަނީ. އެހެން ދާއިރާތަކުގެ މަތީ ތައުލީމު ހޯދާގެން އިސްލާމްދީނަށް ލޯބިކުރާ ކިތަށް މީހުން ފުރުސަތަކަށް އެދިއެދި އެބަތިބި. ނަމަވެސް މައްމޫން އަބްދުލްޤައްޔޫމް ނަންވާނީ. މަޤާމް ބޭނުންވެގެން އުޅެނީ. ޤައުމަށް ޓަކައި އިހްލާސްތެރިކަމާ އަދާލަތުޕާޓީ އަށް ހެޔޮއެދެންޔާ ހުސެން ރަސީދުއާ މަޖީދު އެއްފަރާތް ވެލަބަލަ. ނޫނީ ޕާޓީ ދޫކޮށް ނާޖާއިޒުފައިދާ ނުނަގާ ހިތުގެ ވިންދު އެދޭގޮތަށް އެމް.ޑީ.ޕީ އާ ގުޅިވަޑައިގަނެބަލަ.

Ali ،އޯގަސްޓް 4, 2010 at 3:15 pm

އަސްލުވަނީ އޮޅިފަ ހުސެންއަށް ލިބިފައިވަނީ ކުށް މަޢުލޫމާތެއް ފަޑީޔާރުން ދާޢިމީކުރަން އުޅުނީއަކީ އެންމެނެއްނޫން އެކަމަކު އެއިގެތެރެއިން އެމީހެއްގެ ތައުލީމާއި ތަޖްރިބާއާއި އަހްލާގަށް ބަލައި ވޯޓް ލައިގެން ކުރަންއުޅުނީ އެކަމަކު ހުސެން މެންގެ ވެލެޒިނީ އެގޮތް ބޭނުން ނުވީ އަދި އެކަމަށް ޝުޢައިބު ތާޢީދުކުރީ ވެލެޒިނީ ބޭނުންވަނީ ކޮންމެހެން ތަޢުލީމަކަށް ބެލުމަކަށްނޫން އޭނަ އެދެމުންދިޔައީ ވަކި ބަޔަކު ވަކިކޮށް ވަކިބަޔަކު ދާޢިމީކުރަން އަދި ސުއައިބު ބުނި ބައްދަލުވުމެއްގައިވެސް އަބުދުﷲގާޒީ ކަމުނުދާވާހަކަ އަދި އޭނަގެ ބައިވަރު މައްސަލަ ހުރިވާކަހަ އެންމެފަހުން އަނެއްދުވަހު ވޯޓްލީއިރު އޭނަ ވޯޓް ލީ އަބުދުއްﷲ ގާޒީއަށް ފަހުންބުނީ އެކަންކަމަކީ މީހަކު ދާއިމީކުރަން ހުރަސްއެޅޭކަމެއްކަމަކަށް ގަބޫލެއްނުކުރަމޭ! ތިބޭފުޅުން ވިދާޅުވާ ރިސްވަތު ގާޒީ އާއި މެދު ކަންވީގޮތް އެއީ އެދުވަހު ހާޒިރުވި މީހުންގެ ތެރެއިން 2 މީހުން ފިޔަވައި އެންމެން ވޯޓްލީ އޭނަޔަށް ދެން ހުސެންމެން ތި ކިޔަނީ ކީކޭ! ހުސެން އަށް ބުނުލަން އޮތީ ހުސެން ވިކުނަސް ޕާޓީވިއްކާ ނުލާށޭ!

މެމްބަރު ،އޯގަސްޓް 9, 2010 at 11:45 am

މިލިޔުމަކީ ވަރަށް ފުރިހަމަ ލިޔުމެއްކަމަށް ގަބޫލް ކުރަމެވެ. ނަމަވެސް ލިޔުން ނިއްމާލާފައިވާ ގޮތުން މި ލިޔުން ލިޔެފައި މިވަނީ ގައުމުދެކެ ލޯބި ނުވާ ޝެއިހެއްކަން ކަށަވަރެވެ. ސަބަބަކީ ނިންމާލަމުން ކޮށްފައިވާ ދުވާގައި ވާ ގައުމުދެކެ ލޯބިޖައްސަވާށިއޭ އޮތުމުން އޭގެ ސާފްވެ ބަޔާންވެގެންދަނީ ދީނަށް ބަލާން ނުޖެހޭނެ ކަމެވެ. ޝޭހެވެ. ގަބޫލް ކުރައްވާށެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮށްނާނީ ގައުމަށް ވަފާތެރިވެގެނެއް ނޫނެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮށްނާނީ އިސްލާމްދީން އެގައުމެއްގައި އަށަގެނެ މިންވަރަކުންނެވެ.. އިތުރަށް ވިސްނާ ވަޑައިގެން އެތަން އިސްލާޚް ކޮށްލައްވާށެވެ. ރޭގައި ޝެއިޚް އިދްރީސް ވިދާޅުވި ފަދައިން ގައުމު އިސްނުކޮށް އިސްލާމްދީން އިސްކުރާށެވެ. ކާމިޔާބު އޮތީ އޭރުންނެވެ… އަޅުގަނޑު މިލިޔާއިރުވެސް ޔަގީންކުރާކަމެއް އޮވެއެވެ. އެއީ އަދާލަތު ޕާޓީ އަކީ މިހާ ހިސާބަށް އާއްމު މެމްބަރުންގެ ހިޔާލްތަކުގައި ކޮޅުފައިން ޖައްސަވާ އެއްލާލައްވާ ޕާޓީ އެކެވެ. އެހެންކަމުން މިނިކަމެތި މެމްބަރުގެ ހިޔާލްގައިވެސް ކޮޅުފައިންޖައްސަވާނެކަން ޔަގީނެވެ.. ޢާންމު މެމްބަރުންގެ ހިޔާލްވެސް ބަލައިގަންނަވާށެވެ. ޕާޓީގެ ކުރިއެރުންވަނީ މެމްބަރުންގެ މައްޗަށްކަން ހަނދުމަ ނައްތާ ނުލައްވާށެވެ.. މާތް ނަބިއްޔާ ސއވ އަކީވެސް އެއްމެ ނިކަމެތި މީހާގެ ހިޔާލަށްވެސް އިހްތިރާމް ކުރާ ބޭފުޅެކެވެ.. ނަމޫނާ އަކީ އެއީއެވެ.. އަމަލް ކުރަން ޖެހޭނީވެސް އެކަލޭގެ ފާނުގެ ސުއްނަތާއި އެއްގޮތަށެވެ.. ފަލާހާއި ކާމިޔާބު ވަނީ އެމަގުގައެވެ،