މިޤައުމު ފަސާދައިގެ ކަނޑަށް ޣަރަޤުވިޔަ ނުދެއްވާށެވެ!

by Admin on ،ޖުލައި 19, 2010

بسم الله الرحمن الرحيم

ޢަދާލަތު ޕާޓީ
މާލެ، ދިވެހި ރާއްޖެ

ނަންބަރު: 12/2010/އޭއާރު/އޭޕީ

ނޫސް ބަޔާން

މިޤައުމު ފަސާދައިގެ ކަނޑަށް ޣަރަޤުވިޔަ ނުދެއްވާށެވެ!

اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، وَالْعَاقِبَةُ لِلْمُتَّقِينَ ، وَلاَعُدْوَانَ إِلاَّ عَلَى الظَّالِمِينَ ، وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ ،  وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّينِ ، وَبَعْدُ !
ދިވެހި ދައުލަތުގެ ސިޔާސީ ހުންގާނުގައި ތިއްބެވި ކައްޕިތާނުންނޭވެ! ދިވެހި ސިންގާސަނާގެ އަހުލުވެރިންނޭވެ! މިދީބުގެ ދިނރުބާއަށް އަރާވަޑައިގެންތިއްބެވި ދައުލަތުގެ ބޮޑުންނާއި ވިސްނުންތެރިންނާއި ޤަދަރުވެރިންނޭވެ! މިޤައުމުގެ ވެރިކަމުގެ ތިންބާރުގެ އަހުލުވެރިންނޭވެ! ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޢަދުލުއިންޞާފުގެ ތަރާދުގައި ހިއްޕަވައިގެން ތިއްބެވި ފަނޑިޔާރުންނޭވެ!

ތިޔަ ބޭފުޅުންގެ އިސްތަށިފުޅުގައި މާތް ﷲ ގެ ޙަޟުރަތުންނާއި ޤައުމުގެ ރައްޔިތުންގެ ފަރާތުން އެޅިފައިވާ ޒިއްމާއަކީ ވަރަށް ބޮޑު ޒިއްމާއެކެވެ. ދައުލަތުގެ ސިންގާސަނާ މިއަދު މިވަނީ ތިޔަ ބޭފުޅުންނާ ޙަވާލުވެފައެވެ. މިކަންކަން ގިނަފަހަރު ޙަވާލުވަނީ ތިމާގެ އިމްތިޙާނަކަށްޓަކައެވެ. ދުނިޔެއާއި އާޚިރަތުގެ އިމްތިޙާނަކަށްޓަކައެވެ. ރައްޔިތުންގެ ބެލުން ތިޔަބޭފުޅުންނާ ދިމާއަށް ހުރީ ކިހިނަކުންތޯ، ޚުދު ތިޔަބޭފުޅުން ދެނެވަޑައިގަތުމަށްޓަކައިވެސް މެއެވެ. މިއިމްތިޙާނުތަކުން މިއަދު ތިޔަބޭފުޅުން ފެއިލްވެވަޑައިގެންފިނަމަ ފެއިލްވެގެން ދިޔައީ އެންމެހައި ރައްޔިތުންނެވެ. މުޅި ޤައުމާއި ދައުލަތެވެ. ބަދްނާމުވެ ފަޟީޙަތްވެގެން ދަނީ މިމިއްލަތުގެ ކޮންމެ ރައްޔިތެކެވެ.

ދިވެހި ދީބުގެ ވެރިކަމުގެ ނިޒާމުގެ ތާރީޚަކީ މާރީތިކޮށް ކުލަޖެހިފައި އޮތް ތާރީޚަކަށް ނުވި ނަމަވެސް، އެތާރީޚުން ޤައުމަށް ވަރަށް އިޚްލާޞްތެރި، ޤައުމުގެ ދެކެ ލޯބިވާ، ތިމާމެންގެ މަޞްލަޙަތަށްވުރެން ޞުލްޙަމަސަލަސްކަމަށް އިސްކަންދެއްވި ބޭފުޅުންކޮޅެއް ފެންނާންއޮތްކަމީ ތާއަބަދު އެބޭފުޅުންގެ އެފިލާވަޅުތަކުން ޖީލުތައް ޢިބްރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެކެވެ. އެތާރީޚުތަކަކީ ވެރިކަމުގެ ބާރުތަކަށް ދަހިވެތިވާންއުޅޭ ކޮންމެ މީހަކަށް ގިނަގުނަ ނަޞީޙަތްތަކެއް ލިއްބައިދޭ ހަނދާނީ ތާރީޚުތަކެވެ. ވިރާސީ ދިވެހި ރަސްކަން ފުރަތަމަ ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންދިޔަ ޒަމާނުގެ ކުލަގަދަ ބައެއް ޞަފްޙާތައް ވިދާޅުވެ ބައްލަވާށެވެ! އިންތިޚާބީ ދިވެހި ރަސްކަން ދެވަނަ ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންދިޔަ ދިއުމުގައި އެއްބާރުން އަނެއްބާރަށް ދެއްވި ދުލާއި، އަނެކުންގެ ޙައްޤުތަކަށްކުރެއްވި އިޙްތިރާމާއި ޤަދަރުވެރިކަމަކީ ކޮންމެ ސިޔާސީ ބޭފުޅަކު ޢިބްރަތް ލިބިގަންނާންޖެހޭ އަގުހުރި ދަރުސެކެވެ.

ލޮބުވެތި މުވާޠިނުންނޭވެ! ދިވެހި ޤައުމަކީ ދުނިޔޭގެ ތާރީޚު ދުށްފަދައިން ޚާރީޖީ މިނިވަންކަމެއް ލިބުނުތާ ދުވަސްގަނޑެއްވީ ނަމަވެސް، ދާޚިލީ އަޅުވެތިކަމެއްގެ ނިކަމެތިކަމުގެ ކަނޑުގައި އެޤައުމުގެ ރައްޔިތުން، ޒަމާނުއްސުރެން ފަތަމުން ޣަރަޤުވަމުން އައިސްފައިއޮތް ޤައުމެކެވެ. ޤައުމު ފެށުނީއްސުރެން އޮތީ އެކަހަލަ އަޅުވެތި ކަމެއްގައެވެ. ޤައުމު މިއަދު އެއަޅުވެތިކަމުން ނިކުމެގަތުމަށް މަގުކޮށި، އާރާސްތުވެފައި ވަނިކޮށް އަދު ފެންނާން މިފެށީ ހިތާމަވެރި މަންޒަރުތަކެކެވެ. ތިންބާރު މަސްހުނިވެ، އެއްބާރަކަށް ބަދަލުވާން ފެށިތަނެވެ. ތިންބާރުގެ ވެރިންގެ މެދުގައި އިޚްލާޞްތެރިކަން ނެތްތަނެވެ. ޢަދުލުއިންޞާފުގެ ކަށި، ވަކި މަޤާމެއްގައި ހުއްޓުމެއްނެތި، ލައިހޫރެމުންދާތަނެވެ. އެއްބަޔަކު އަނެއްބަޔަކަށް ބަދަލުހިފުމުގެ ޝުޢޫރު އިސްކުރަމުންދާ ތަނެވެ.

ޤައުމުގެ ކަންތަކާ ޙަވާލުވެ ތިއްބެވި ސިޔާސީ ލީޑަރުންނޭވެ! ރައްޔިތުން ތިޔަބޭފުޅުންނާ މިޤައުމު ޙަވާލުކުރީ މިޤައުމައިގެން ކުރިއަށް ވަޑައިގަތުމަށެވެ. ރަނގަޅުގޮތުގައި މިޤައުމު ހިންގަވާނޭ ކަމުގެ ފޮނިއުއްމީދެއްގައެވެ. ދުނިޔެއަށް އަންނަ އިޤްތިޞާދީ ރަންޒަމާނުގައި ރާއްޖެވެސް ބައިވެރިވެ، ކޮންމެ ދިވެއްސަކަށް އެއިގެ ފޮނިރަހަ ލިބިގަނެވޭތޯއެވެ! ތިޔަބޭފުޅުންގެ މަތިވެރި އިޚްލާޞްތެރި ޚިދުމަތް ޤައުމަށް ލިބިގަނެވޭތޯއެވެ! ނިކަން އަޅުގަނޑުމެން، އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި ބުއްދީގެ ބޭނުން ހިފައިގެން ކުޑަކޮށްނަމަވެސް ވިސްނާލަމާ ހިނގާށެވެ! އަޅުގަނޑުމެންގެ ކިބައިން ކަންތައް ވެގެންމިދަނީ ހަމަ ރަނގަޅަށްތޯއެވެ. އަޅުގަނޑުމެންގެ ޢަމަލާއި ބަސްމަގު ހުރީ، ޚާލިޤުވަންތަ ﷲއާއި މިޤައުމުގެ ލޮބުވެތި ރައްޔިތުންގެ ރުހުން ލިބޭގޮތަށްތޯއެވެ؟ އަޅުގަނޑުމެންނާ ޙަވާލުކުރެވުނު ޒިއްމާ އަމާނާތްތެރިކަމާއެކު އަދާކުރެވޭނެ ގޮތަކަށްތޯއެވެ؟
ޤައުމު ފަސާދަވެ، ފަނާވެ، ނެތި ދިއުމުގެ ކުރިން ކުޑަކޮށް ނަމަވެސް އަޅުގަނޑުމެން ވިސްނާލަންވެއްޖެ ނޫންތޯއެވެ؟ އަޅުގަނޑުމެންނަށް ކަންތައް ކުރެވުނު ގޮތަކުން މިޤައުމުގެ ދިރުން ކަމުގައިވާ ޒުވާނުން ގޮސްފައި އެތިބީ ކޮން ދުނިޔެއެއްގައިކަން އިޙްސާސްކޮށްލަމާތޯއެވެ؟ މިއަދު މިޤައުމުގައި ވެރިއަކަށް އިޙްތިރާމު ކުރާނެ ރައްޔިތަކު ނެތެވެ. މަޔަކާއިބަފަޔަކަށް ލޯތްބެއްދީފާނެ ދަރިއަކު އުފެދިފައިނެތް ކަހަލައެވެ. ދަރިންނަށް ލޯތްބެއްދެވިދާނެފަދަ މައިންނާއި ބަފައިން ހޯދާމީހަކަށް ފެންނާނީ އަތްފުނާއަޅައިގެންނެވެ. މުޅިޤައުމުގައި މިއޮތީ އަމަންއަމާންކަމާއި ސަލާމަތްތެރިކަމާއި ހިތްހަމަޖެހުމާއި ސުކޫނަތު ގެއްލިގޮސް، ޖަނަވާރުންގެ ޖަންގައްޔެއް ފަދަ ތަނަކަށް ބަދަލުވެފައެވެ. ތިމާގެ ގޭގައި ހިތްހަމަޖެހިގެން ނިދާލެވޭކަށް ނެތެވެ. ތިމާގެ މުދަލުގެ އަމާންކަމެއް އެކަކަށްވެސް ނެތެވެ. ނަފްސުގެ ސަލާމަތްތެރިކަން ގެއްލިއްޖެއެވެ. އަބުރާއި ޢިއްޒަތާއި ކަރާމާތް ވެއްޔާއި މޮޑެވި ހިނގައްޖެއެވެ. ޤައުމުގައި މާރާމާރީއާއި ވައްކަމާއި ލޫޓުވުމާއި ފޭރުން ޢާއްމުވެފައިވީއިރު، ކުޑަކުދިންނާއި ޢިއްފަތްތެރިންގެ ޢިއްފަތް ލޫޓުވުމާއި މިކަންކަން މިއޮތީ ޖަންގަލީގެ ޤާނުނީ ހަމަތަކަށް ބަދަލުވެފައެވެ.

މިކަންކަން މިހާ ނިކަމެތި ދަރަޖައަކަށް ގޮސްފައި އޮތްކަމުގައި ވިއަސް، އަދިވެސް އަޅުގަނޑުމެންނަށް ފުރުޞަތު އެބައޮތެވެ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިންކަމަށްވީތީއެވެ. އަޅުގަނޑުމެން ދިވެހިންނަކީ އެބައިމީހުންގެ ކައުބަފައިންގެ ކިބައިން އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައިވާ، ޞުލްޙައަށް ލޯބިވާ، ޢަދުލަށް އިސްކަންދޭ، ހަމަ ޤަބޫލުކުރާ ލެއިތަކެއް ތިމާމެންގެ ހަށިތަކުގައި ދައުރުވަމުންދާ ބަޔަކަށްވީތީވެ، އަޞްލު ޠަބީޢަތަށް އެނބުރިގެން ދިއުމުގެ ފުރުޞަތު އަޅުގަނޑުމެންގެ ނަފްސުތަކުގައި އެކުލެވިފައިވީތީއެވެ.

ޢިއްޒަތްތެރި ސިޔާސީ ބޭފުޅުންނޭވެ! ޤައުމުގެ ލޮބުވެތި ރައްޔިތުންނޭވެ! ވޭތުވެދިޔަ ސިޔާސީ މަސްރަޙުގައި ހިނގައިދިޔަ ޞަފްޙާތައް ހަނދާނުން ފުހެލަމާ ހިނގާށެވެ. އެއްމުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކޭ ބުނާބުނުން ތެދުކުރެވޭތޯ ބަލަމާ ހިނގާށެވެ. އާޢަޒުމަކާއެކު އިސްލާޙާއި ވަޙުދަތުގެ ވާފަށުގައި ހިފައިގެން ތެދުވަމާ ހިނގާށެވެ! ޤައުމާއިގެން ކުރިއަށްދެވޭތޯ ބަލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ މާދަމައިގެ މުސްތަޤްބަލް ކަމުގައިވާ ޅަދަރިންނާއި، އަންނާންއޮތް ޖީލާ މެދު ހެއުވިސްނުމަކުން ވިސްނަމާ ހިނގާށެވެ. ރައްޔިތުންނަށާއި ޤައުމަށް މިލިބުނު މިނިވަންކަން އޭގެ އެންމެ ހެއުގޮތުގައި ބޭނުންކުރެވޭތޯ ބަލަމާހިނގާށެވެ. މިއީ ތިޔަ އެންމެހައި ސިޔާސީ ބޭފުޅުންނަށާއި ހެއުވިސްނިވަޑައިގަންނަވާ ޤަދަރުވެރިންނާއި ޤައުމުގެ ރޫޙުކަމުގައިވާ ޒުވާނުންނަށް ޢަދާލު ޕާޓީން ގޮވާލާ ގޮވާލުމެކެވެ. ހުށަހަޅާ އާދޭހުގެ ދެންނެވުމެކެވެ. ޤައުމުގެ ޙާލުގެ ދުލުން އަޑުލައިރޯ ރުއިމެކެވެ. މިދީބުގެ ލޯތަކުން އޮހެމުންދާ ކަރުނައިގެ ވާރެއެކެވެ. ޤައުމުގެ ހެއުވިސްނޭ ބުއްދިވެރިންގެ ހިތްތަކުގައި ޖަހަމުންދާ އުދާހުގެ ވިންދުތަކެކެވެ.

އޭ މިޤައުމުގެ ސިޔާސީ މުފައްކިރުންނޭވެ! ޕާޓީތަކުގެ އިސްވެރިންނޭވެ! ވެރިކަންކުރާ ބަޔަކަށް، ނުވަތަ ވެރިކަމެއް ކުރާން އެދޭ ބަޔަކަށް ވެރިކަމެއްކުރެވޭނީ އެބައިމީހުންގެ އަތުގައި ޤައުމެއް އޮވެގެންނެވެ. އެތާގައި އިންސާނުންތަކެއް ވެސް ދިރިއުޅެގެންނެވެ. އޭގައި އަރަފޯދޭ ޒުވާންޖީލެއް އޮވެގެންނެވެ. ހަމައަކާއި އިންޞާފެއް އެބައެއްގެ ތެރޭގައި ޤާއިމުވެވޭ ކަހަލަ މާޙައުލެއްވެސް އޮވެގެންނެވެ. މިހުރިހާތަކެއްޗަކާއި ކަމެއް، އަޅުގަނޑުމެންގެ އަތުން ބީވެގެން މިއޮތްދަނީއެވެ. ޤައުމުގެ ޅަދަރިންނާއި ރައްޔިތުންނަށް ނަމޫދާއަކަށްވާން ތިބި އަޅުގަނޑުމެން އެއްބަޔަކު އަނެއްބައެއްގެ ހަތުރުންނަށްވެ، ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެން ހުތުރުވުމުން މިއިން ޤައުމަށް ކުރާނީ ކޮންކަހަލަ އަސަރެއްތޯއެވެ؟ ވިސްނަމާ ހިނގާށެވެ! ފިކުރުކުރަމާހިނގާށެވެ! މަތިވެރި މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވި މިސާފުޠާހިރު ސިކުނޑި، އެއިލާހު އަޅުގަނޑުމެންނަށް ދެއްވި އެންމެ ބޮޑު ނިޢުމަތް ކަމުގައިވާ އިސްލާމްދީނުގެ ނޫރުގެ އަލީގެ ތެރެއަށްލައިގެން ސާފުކޮށް، އެސިކުނޑީގެ ބޭނުން އެންމެ ހެއުގޮތުގައި ބޭނުންކުރެވޭތޯ ބަލަމާހިނގާށެވެ! އެއިލާހުގެ ޙަޟުރަތަށް ކުއްތަންވެ، އިބްތިހާލްވެ، އަޅުގަނޑުމެންގެ ކުށްތައް ހުށަހަޅައި، ތައުބާވެ، ދުޢާދަންނަވަމާ ހިނގާށެވެ! އެއާއެކު މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރަށްވާފައިވާ މޫރިތި މިއާޔަތާމެދު ފުންކޮށް ވިސްނާލަމާ ހިނގާށެވެ. އެއިލާޙު ވަޙީކުރަށްވާފައި ވެއެވެ. لَهُ مُعَقِّبَاتٌ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّهِ إِنَّ اللَّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُوا مَا بِأَنْفُسِهِمْ وَإِذَا أَرَادَ اللَّهُ بِقَوْمٍ سُوءًا فَلاَ مَرَدَّ لَهُ وَمَا لَهُمْ مِنْ دُونِهِ مِنْ وَالٍ މާނައީ: ” ﷲގެ އަމުރުފުޅަށް އިންސާނުން ރައްކައުތެރިކޮށް ބެލެހެއްޓެވުމަށްޓަކައްޔާއި އެމީހުންގެ ޢަމަލުތައް ލިޔެ ޖަމާކުރުމަށްޓަކައި އިންސާނުންގެ ވަށައިގެން މަލާއިކަތުން ލައްވާފައިވެއެވެ. ދަންނާށެވެ! ޤައުމެއްގެ ޙާލަތާއި އަޚްލާޤު ﷲ ބަދަލުކުރަށްވަން އިރާދަކުރަށްވަނީ ޚުދު އެމީހުން އަމިއްލައަށް އެކަންތައްތައް ބަދަލުކުރަން ފެށުމުންނެވެ. އަދި ދަންނާށެވެ! ޤައުމަކާމެދު ﷲ ދެރަގޮތް މެދުވެރިކުރަށްވަން އިރާދަކުރަށްވައިފިނަމަ، ދެން އެއަށް ބަދަލެއް ގެނެސްގަނެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. ދެންވެސް އެމީހުންނަށް އެހީތެރިކަމެއް ދެއްވޭނެފަރާތަކީ ހަމަﷲ އެވެ.” މިއެވެ. އަދިވެސް އެއިލާޙު ވަޙީކުރަށްވާފައި ވެއެވެ. ذَلِكَ بِأَنَّ اللَّهَ لَمْ يَكُ مُغَيِّرًا نِعْمَةً أَنْعَمَهَا عَلَى قَوْمٍ حَتَّى يُغَيِّرُوا مَا بِأَنْفُسِهِمْ މާނައީ: “ދަންނާށެވެ! ބަޔަކަށް ﷲ ނިޢުމަތެއް ދެއްވުމަށްފަހު، އެނިޢުމަތުން އެބައިމީހުން މަޙުރޫމުކުރަށްވަނީ، ޚުދު އެބައިމީހުން އަމިއްލައަށް އެނިޢުމަތަށް ނާޝުކުރީވެރިވެ، އެއިން އެއްކިބާވުމަށްފަހުއެވެ.” މިއެވެ. މިއީ އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަންވީ އަގުހުރި ދަރުސުތަކެވެ. އިލާހީ ނަޞީޙަތްޕުޅުތަކެވެ.

މާތް ﷲ ސުބުޙާނަހޫވަތަޢާލާ ދިވެހި ޤައުމަށް ފެހި، ފަހި މާދަމައެއް ދައްކަވާށިއެވެ. މިޤައުމުދެކެ ލޯބިވާ އިޚްލާޞްތެރި ވެރިންތަކެއް މިޤައުމާ މަތިކުރަށްވާށިއެވެ. އަޅުގަނޑުމެންގެ އަތުން ބީވެފައިވާ ޢަދުލުއިންޞާފުގެ ތިލަފަތް އަޅުގަނޑުމެންގެ ތެރޭގައި އުފުއްލަވާށިއެވެ. އާމީން!
وَاللَّهُ عَلَى مَا نَقُولُ وَكِيلٌ .
وَصَلَّى اللَّهُ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ .

17 ޖުލައި 2010

ޢަދާލަތު ޕާޓީ

{ 1 ކޮމެންޓް }

mariyam ،ޖުލައި 20, 2010 at 1:45 am

varah ragalhu vaahaka thakeh. thiya beyfulhunnaa dhimaa ah mullaa ey kiyas thiya dhevvaa dheenee irshaadhu dhevvamun gen dhavaane kamah ummeedhu kuran. thiya beykalun kuravvaa masakkaiy pulhah Kaamiyaab ah abadhu ves edhen.