(ވީޑިޔޯ ސައިޓުގައި މި ޙިޠާބުގެ ވީޑިޔޯ ވަނީ ހިމަނާފައެވެ)
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين ومن تبعهم بإحسان إلى يوم الدين، وبعد:
ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލީހުގެ ޢިއްޒަތްތެރިމެންބަރުން.
ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުންނާއި އެހެނިހެން މަޖިލިސްތަކާއި ގޮފިތަކުގެ އިސްވެރިން. ޕާޓީގެ ލޮބުވެތި މެންބަރުން. އަދި ޢަދާލަތުޕާޓީ އަށް ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ރައްޔިތުން.
السلام عليكم ورحمة الله وبركاته ،،،
އާދެ! މިއަދު ޤައުމުގެ ޙާލަތު އޮތް ގޮތުންނާއި ޢަދާލަތުޕާޓީއަކީ ސަރުކާރުގައި ހިމެނޭ ސިޔާސީ އެއް ޕާޓީކަމުން، ޤައުމަށް ކުރިމަތިވެފައިވާ ޙާލަތާމެދު ޢަދާލަތުގެ ވިސްނުން ތިޔަ ލޮބުވެތި މެންބަރުންނާ ބައިވެރިވެ، ޕާޓީގެ ވިސްނުން ހުރިގޮތާއި، ޕާޓީގެ ފަރާތުން މަސައްކަތްކުރަމުންދާ ގޮތާމެދު ޚިޔާލުބަދަލުކޮށް ޕާޓީގެ އެންމެހައި މެންބަރުންނާއެކު ޙިއްޞާކޮށްލުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެމެވެ.
ލޮބުވެތި މެންބަރުން!
29 ޖޫން 2010 ގައި، ދައުލަތުގެ ވަޒީރުންގެ މަޖްލިސް އެއްކޮށް އިސްތިޢުފާ ދިނުމަކީ ރާއްޖޭގެ ތާރީޚަށް އަލަށް ވަދެގެންދިޔަ ކަމެކެވެ. މިކަމަކީ ދުނިޔޭގެ ތާރީޚުގައި ވަރަށް ބޮޑު ކަމަކަށް ވީހިނދު، ކަމާގުޅިގެން، ޕާޓީގެ ފަރާތުން ވަނީ އެކިފެންވަރުގައި ގިނަގުނަ މަޝްވަރާތަކެއް ބާއްވަން ފަށާފައެވެ. 30 ޖޫން 2010 ވީ ބުދަ ދުވަހު ޕާޓީގެ ފަރާތުން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލު މުޙައްމަދު ނަޝީދާ ބައްދަލުކޮށް ޕާޓީގެ ވިސްނުން ހުރިގޮތް އެމަނިކުފާނަށް ދެންނެވިއެވެ. އަދި މިމައްސަލާގައި ޕާޓީ ހިނގަމުންދާނީ އިންޞާފުވެރި ގޮތެއްގައިކަން އެމަނިކުފާނުގެ އަރިހުގައި ހާމަކޮށް، ޢަދުލު އިންޞާފުން އެއްކިބާވެ ވަޑައިނުގަތުމަށާއި ޤައުމީ މަޞްލަޙަތަށް އިސްކަންދެއްވުމަށް އިލްތިމާސް ކުރެވުނެވެ. އަދި ކަންކަން ޙައްލުކުރުމުގައި ޤާނޫނީ އިމުގެ ތެރެއިންނާއި ޕާޓީގެ މަންހަޖާއި މެނިފެސްޓޯގެ އަލީގައި ޕާޓީއަށް ވެވުނު މިންވަރަކުން މަސައްކަތްކުރަމުންދާނެކަން، ޕާޓީގެ ފަރާތުން ކަމާބެހޭ ފަރާތްތަކުގައިވަނީ ދަންނަވާފައެވެ.
ލޮބުވެތިމެންބަރުން!
ޢަދާލަތުޕާޓީކުރާ ކޮންމެ މަސައްކަތެއް މިހާތަނަށް ކޮށްފައިވަނީ އަދި ކުރަމުން އަންނަނީވެސް އިސްލާމީ ފިކުރުތަކާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ހަމަތަކާއި އެއްގޮތަށެވެ. އަދި ޕާޓީގެ މަންހަޖާއި މެނިފެސްޓޯ އިން ކަނޑައަޅާފައިވާ ތަރަހައިން ބޭރުނުވެ ތިބެގެންނެވެ. މިހެންކަމުން މިބުނެވުނު އުޞޫލުތައް ފަހަނައަޅައި ޕާޓީގެ އެއްވެސް މަސައްކަތެއް، ޕާޓީން ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނަށް ކަށަވަރުކޮށް އަރުވަމެވެ.
ޢަދާލަތު ޕާޓީގެ ލޮބުވެތި މެންބަރުންނޭވެ! ލޮބުވެތި މުވާޠިނުންނޭވެ!
ޢަދާލަތު ޕާޓީން އަބަދުވެސް އިސްކަން ދޭނީ ޤައުމުގެ ޢާއްމު މަޞްލަޙަތަށާއި، ޤައުމުގެ ހަމަޖެހުމާއި އިސްތިޤުރާރަށެވެ. އަދި ޒާތީ މަޞްލަޙަތުތަކުން ވީހާވެސް ބޮޑަށް ދުރަށްޖެހިފައި އޮންނަ، ޢާއްމު ރައްޔިތުންނަށް ބޮޑަށް ފައިދާދެނިވި ގޮތްތައް ޤައުމުގައި ޤަރާރުކުރެވޭތޯއެވެ. އަދި ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކަންކަންކުރެވޭތޯއާއި ޢިޞްލާޙީ ފިޔަވަޅުތައް ކުރިޔަށް އެޅުމުގައި އިސްލާމް ދީން އަބަދުވެސް ބާރުއަޅާފައިވާ ހަމަހަމަކަމާއި ވަޙުދަތުގެ ބިންގާ ޤާއިމުކޮށް ވަރުގަދަ ކުރެވޭތޯއެވެ. މިހެންކަމުން ޕާޓީން ކުރިމަތިލާ ކަންކަމުގައި ކުރިމަތި ލަމުންދަނީ މިދެންނެވި އުޞޫލުގެ ދަށުން، ވެރިންނާއި ރައްޔިތުންނާއި މަސްއޫލު ފަރާތްތަކުގެ މެދުގައިވެސް މިދެންނެވި ވަޙުދަތުގެ ބިންގާ ވަރުގަދަ ކުރެވޭތޯއެވެ. މިގޮތުން މިމަޤްޞަދާއިގެން ކުރިއަށްދާ ދިއުމުގައި، ކުރިމަތިވަމުންދާ ގޮންޖެހުންތައް ގިރާކުރަނީ އިސްލާމީ ދުނިޔެއިން ދައްކުވައިދޭ ޙާދިޘާތަކުން ޢިބްރަތްތަކާއި ފިލާވަޅުތައް ލިބިގަނެ، ކެތްތެރިކަމާއި މުރުއްވަތްތެރިކަން، އަމާޒަކަށް ނެރެގެން، ދުރުރާސްތާއަކަށް މިސްރާބު ޖަހައިގެންނެވެ. މިއީ މިއަދުގެ އިސްލާމީ މުފައްކިރުންގެ އަގުހުރި ނަޞީޙަތްތަކެވެ.
ލޮބުވެތިމެންބަރުން!
ޤައުމުގައި މިވަގުތު ހިނގަމުންދާ ސިޔާސީ ޚިޔާލުތަފާތުވުންތަކަކީ ހަމައެކަނި ޚިޔާލުތަފާވުންތަކަށް ބެލޭންނެތްކަން އަޅުގަނޑުމެން ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. ދިވެހި ޖައްވަށް އަލަށް ނޭވާލި، ޑިމޮކްރަސީއަކީ އިސްލާމީ ނިޒާމަކަށް ހެދުމަށްޓަކައި، ޤާނޫނު އަސާސީ އިސްލާޙުވަމުން ދިޔަދުވަސްވަރުވެސް ޚާއްޞަ މަޖިލީހަށާއި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންދިޔައީ ތަކުރާރުކޮށް ދަންނަވަމުން، ތިޔަ ލޮބުވެތި ރައްޔިތުންނާ ޙިއްޞާކުރަމުންނެވެ. ޤާނޫނު އަސާސީން ދައުލަތުގެ ތިންބާރު ވަކިކޮށް، ކޮންމެ ބާރެއްވެސް އެބާރެއްގެ ޙުދޫދުގައި އުޅުމަށް ބާރުއަޅާފައިވާއިރު، ޤާނޫނުގެ ރޫޙާއި ރައްޔިތުންގެ ވިންދުތަކަށް ކުޑަނަމަވެސް ވިސްނައިލުމެއްނެތި، ދައުލަތުގެ ތިންބާރު، އެއްބާރު އަނެއްބާރާ ޖަދަލުކުރަމުން، އަނެއް ބާރުގެމައްޗަށް ނުފޫޒު ހިންގުމަށް މަސައްކަތްކުރަމުންދާ ދިއުމަކީ ތިޔަ ލޮބުވެތި ރައްޔިތުން ފުންކޮށް ވިސްނާލައްވަންޖެހޭ ކަމެކެވެ.
ކަންމިހެންހުރުމާއެކު ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖްލީހުގައި މިކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ޕާޓީގެ ފަރާތުން ޤައުމުގެ ޙައްޤުގައި ކަންތައްތަކެއް ކުރުމަށް ނިންމުނެވެ. އަދި ޤައުމުގެ މިހާރުގެ ޙާލަތާމެދު ޢަދާލަތުގެ ވިސްނުންހުރިގޮތް ޕާޓީގެ މެންބަރުންނާއި ލޮބުވެތި މުވާޠިނުންނާ ޙިއްސާކުރުމަށާއި ޕާޓީގެ ވިންދު ރައްޔިތުންނާ ހަމައަށް ވާޞިލުކޮށްދިނުމަށް ހަމަޖެހުނެވެ. މިގޮތުން ޕާޓީގެ ވިސްނުން ހުރިގޮތް، ނޫސްބަޔާނުގެ ޛަރީޢާއިން ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައެވެ.
ޢިއްޒަތްތެރި ލޮބުވެތި މެންބަރުން!
ޕާޓީގެ ފަރާތުން ޤައުމުގެ ޙާލަތާމެދު އިންތިހާއަށް ކަންބޮޑުވެއެވެ. ފާލުން ކައްސާލަމުންދާ ޤައުމުގެ ސޯބު ހެއުފާލަކަށް އެޅުވޭތޯ ޕާޓީއަށް ވެވުނު މިންވަރަކުން، މިދަނީ މަސައްކަތް ކުރަމުންނެވެ. ދައުލަތް ހިނގުމުގެ ބާރުތަކުގެ ވެރީންނާއި، އެހެނިހެން މިނިވަން މުއައްސަސާތަކާ ބައްދަލުކޮށް ޚިޔާލުބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރީންވެސް ދެންނެވި ފަދައިން ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ވަނީ ބައްދަލުކޮށް ޕާޓީގެ ވިސްނުން އެމަނިކުފާނަށް ދަންނަވާފައެވެ. އަދި އެހެނިހެން ފަރާތްތަކާ ވާހަކަދައްކައި ސިޔާސީ މައިދާނުގައި ހޫނުވެފައިވާ މަސްރަޙު ޞުލްޙަވެރިކަމާއެކު ފިނިކުރެވޭތޯ ޕާޓީއަށް ލެވުނުހައި ބާރެއްލާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ލޮބުވެތި މެންބަރުންނަށް އަރުވަމެވެ.
ލޮބުވެތި މެންބަރުން!
2008 ވަނަ އަހަރު ޤައުމަށްއައި ސިޔާސީ ބަދަލަށް ފަހު، ސަރުކާރުގައި ޢަދާލަތު ޕާޓީއާއި ސަރުކާރުގައި ޕާޓީ ތަމްސީލުވަމުންއައި އިސްލާމިކް މިނިސްޓްރީން ޤައުމުގެ އިޞްލާޙަށްޓަކައި އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިއިޞްލާޙީ މަސައްކަތްތަކަކީ ތިޔައިން އެއްވެސް ރައްޔިތަކަށް ކުޑަކޮށްވެސް ވަންހަނާވެގެންވާނޭ ކަމެއްނޫންކަމުގައި އަޅުގަނޑު ޤަބޫލު ކުރަމެވެ. އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންގެ މަޢުލޫމާތަކަށްޓަކައި ދަންނަވާލާހިތްވަނީ، މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅާއެކު ކުރިއަށްއޮތްތާގައިވެސް ޢަދާލަތު ޕާޓީން ކުރަމުންދާ އިޞްލާޙީ މަސައްކަތަކަށް ކުޑަވެސް ހީނަރުކަމެއް އަޔަނުދޭން އަޅުގަނޑުމެން ހިންމަތާއެކު މަސައްކަތްކުރުމުގައި ދެމިތިބޭނެވާހަކައެވެ.
ލޮބުވެތިމެންބަރުންނެވެ!
ޤައުމުގައި މިއަދު ދެކެމުންމިދާ ކަންކަމަކީ އެކަންކަމާމެދު ފުންކޮށް ވިސްނާ ފިކުރުކުރަންޖެހޭ ކަންކަމެވެ. ޕާޓީން ޤަބޫލުރާ ގޮތުގައި ޢަދުލުއިންޞާފާއި ހަމަޖެހުމާއި، އަމާނާތްތެރިކަމަކީ ޤައުމާއި ޤައުމުގެ ޙަޟާރަތް ބިނާކުރުމުގެ އަސާސީ ރުކުރުންތަކެވެ. މިކަންކަމުން އެއްކިބާވެގެން ޤައުމާއި މުޖްތަމަޢެއް ބިނައެއްނުވާނެއެވެ. އެއްވެސް ޤައުމެއްގައި އަނިޔާވެރިކަމާއި މަކަރާއި ޙީލަތާއި، ޚިޔާނާތް ފެތުރިއްޖެ ނަމަ އެޤައުމެއް ފަނާވެ، ނެތި ހިނގައިދާނެއެވެ. ޞުލްވެރިކަން ގެއްލި ރުޅިވެރިކަމާއި ނާމާންކަން ވެރިވެދާނެއެވެ. މިހެންކަމުން ޤައުމުގެ އެންމެހާ ސިޔާސީ ޕާޓީތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެންމެހާ އަފްރާދުންގެ މައްޗަށް އޮތީ، ކޮންމެ ބަޔަކުވެސް އިޚްލާޞްތެރިކަމާއެކު ޤައުމާއިގެން ކުރިއަށްދާން މަސައްކަތް ކުރުމެވެ. އެއްވެސް ބަޔަކު ތިމާމެންގެ އަމިއްލަ މަފާދުތަކާއި ޒާތީ ކަންކަމަށް ބުރަނުވެ، ޤައުމުގެ ޢާއްމު މަޞްލަޙަތަށް އިސްކަންދިނުމެވެ. ވަކިވަކި މަދުފަރުދުން ކުރިއެރުމަށްވުރެން ޤައުމަށް ފައިދާބޮޑީ ޢާއްމު އަފުރާދުން ކުރިއެރުމެވެ. އެއުރެންގެ ދަތިތަކުން އެއުރެން ސަލާމަތް ކުރުމެވެ. ޤައުމެއް ކުރިއަރާނީ އެޤައުމުގެ ޢާއްމު ރައްޔިތުން ކުރިއެރި މިންވަރަކަށެވެ. ޢާއްމު ރައްޔިތުންނަށް އުފާފާގަތިކަން ލިބުނު މިންވަރަކުންނެވެ.
ދައުލަތެއްގައި އޮންނަ ވެރިކަމެއްގެ ބޭނުމަކީ ދައުލަތުގެ ޞުލްޙަމަސަލަސްކަން ޤާއިމުކުރުމެވެ. އަމަންއަމާންކަމާއެކު އެޤައުމެއްގެ ރައްޔިތުންނަށް ދިރިއުޅެވޭގޮތް ހެދުމެވެ. އެބައިމީހުންނަށް ދިރިއުޅުމުގެ ތަފާތު މައިދާނުގައި ޚިދުމަތްކޮށް ލުއިފަސޭހަކަން ހޯދައިދިނުމެވެ. ތަނަވަސްކަމާއި ހިތްހަމަޖެހުމުގެ މަގުތައް އާރާސްތުކޮށްދެވޭތޯ މަސައްކަތްކުރުމެވެ. އެއުރެންގެ މެދުގައި އިލާހީ ޤާނޫނުތައް ހިންގުމެވެ. ޢަދުލުއިންޞާފު ޤާއިމުކޮށް، އެއުރެންގެ ޙައްޤުތަކަށް ރައްކައުތެރިވެ، އެޙައްޤުތައް ހޯދައިދިނުމެވެ. މިގޮތަށް މިކަންކުރުމުގައި ދައުލަތް އުފެދިފައިއޮތީ އެއްބާރެއްގެ ގޮތުގައި ކަމުގައި ވިއަސް ނުވަތަ ތިންބާރުގެ ގޮތުގައި ކަމުގައިވިއަސް އެއަކީ މާބޮޑު މައްސަލައެއް އޮތްކަމެއްނޫނެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ޙާޞިލްވާންޖެހެނީ ބަޔާންކުރެވުނު މާތް މަޤްޞަދެވެ.
ޢިއްޒަތްތެރި މެންބަރުން!
ރާއްޖޭގައި މިއަދު މިއޮތީ ދައުލަތުގެ ތިންބާރު ވަކިވެފައެވެ. ވަކިވަކި މިނިވަން ތިންބާރުގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. މީގެ މާނައަކީ ތިންބާރުން އެއްބާރު އަނެއްބާރުގެ މައްޗަށް ނުފޫޒު ހިންގުމެއް ނޫނެވެ. އެއްބާރުން ޖެހޭނީ އަނެއްބާރަށް އެހީތެރިކަންދޭށެވެ. އެކަން އެގޮތަށް ނުވާކަމުގައިވާނަމަ ޤައުމު ހުއްޓުމަކަށް އަންނާނެއެވެ. ހަމައެއާއެކު މިތިންބާރުގެ ދަށުން ހިނގަމުންދާ މިނިވަން މުއައްސަސާތަކަކީ މިބާރުތަކުގެ ބެލުމުގެ ދަށުން ހިނގަމުންދާންޖެހޭ މުއައްސަސާތަކެވެ. އެއީއަކީ ވަކިވަކި ސަރުކާރުތަކެއް ނޫނެވެ. މިކަންކަން މިގޮތަށް ބައްޓަންނުވަނީހެއް، ނުވަތަ މިއެންމެހައި މުއައްސަސާތަކުގެ ވެރިންނަށް މިކަންކަން ވިސްނައިވަޑައި ނުގެނެވެނީހެއް، ނުވަތަ އިޚްލާޞްތެރިކަމާއެކު އެބޭފުޅުންގެ ހިތްޕުޅުތަކުގައި ޤައުމުގެ ވިންދުޖަހަން ނުފަށަނީހެއް ޤައުމުގެ ސޯބު ހެއުފާލަކަށް ނޭޅޭނެއެވެ. ޤައުމުގެ ނައު ސީދާ މިސުރާބަކަށް ނުދާނެއެވެ.
މިފުރުޞަތުގައި ދައުލަތް ހިންގުމާ ޙަވާލުވެތިއްބެވި ތިންބާރުގެ ވެރިންނަށާއި ދައުލަތުގައި އުފެދިފައިހުރި އެންމެހައި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށް ޢަދާލަތުޕާޓީގެ ފަރާތުން ގޮވާލަނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ދެއްވުމަށެވެ. މިދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ، ވެރިކަން ހިންގުމުގެ ނިޒާމު، މިއޮތީ ތިންބާރު ވަކިވެފައިއޮތް ރިޔާސީ ނިޒާމެއްގެ ގޮތުގައިކަން ހިތުގެއަޑީން ޤަބޫލުކުރެއްވުމަށެވެ. އެހެންކަމުން ރައްޔިތުންނަށާއި ޤައުމުގެ ކަންކަމުގައި ޙަވާލުވެވަޑައިގެން ތިއްބެވި ހުރިހާ ފަރާތްތަކަށް ވެރިކަމުގެ މިނިޒާމު ފުރިހަމަގޮތުގައި، ޤާނޫނުއަސާސީގެ ރޫޙާއެއްގޮތްވާ ގޮތުގެ މަތިން ހިންގުންވާޖިބުވެގެންވެއެވެ. އަދި ރިޔާސީ ނިޒާމުގެ ޠަބީޢަތާ އެއްގޮތަށް ދައުލަތް ހިންގުމުގައި އެއްބާރުން އަނެއްބާރަށް އެހީތެރިކަން ދިނުމާއި މިނިވަން މުއައްސަސާތަކުން ތިމާމެންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ޤައުމުހިންގަންތިބި މީހުންނަށް އެއްބާރުލުންދިނުމީވެސް ޤައުމީ އެންމެ މަތިވެރި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި ޢަދާލަތުޕާޓީން ދެކެއެވެ. މިގޮތަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެއްޖެ ނަމަ ޤައުމުން ފެނިގެންދާނީ އުފާފާގަތިކަމާއި ތަނަވަސްކަމެކެވެ. ހިތްހަމަޖެހުމާއި ބާއްޖަވެރިކަމެވެ. އެކުވެރިކަމާއި ޞުލްޙަވެެރިކަމެވެ. އަމާންއަމާންކަމާއި ޞުލްޙަމަލަސްކަމެވެ. ވުމާއެކު މިކަންކަމާމެދު އެންމެހާ ފަރާތްތަކުން ވިސްނައި ފިކުރުހިންގެވުމަށް އިލްތިމާސްކޮށް ދަންނަވަމެވެ.
އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ޕާޓީގެ މަޤްޞަދާ އެއްގޮތަށް ހުރިހާ ޙާލަތެއްގައި ވެސް ޕާޓީން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕާޓީގެ އެންމެހާ މެންބަރުންނަށް އަރުވަމުންނެވެ. އަދި ޢަދާލަތު ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ހެއުއެދިވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދޭއެދުމަކީ އެންމެން އަތުގުޅާލައިގެން، އެއްހިތަކާއެކު ޕާޓީއާއިގެން ކުރިއަށް ދިއުމުގައި ތިޔަބޭފުޅުން ސާބިތުވެ ތިއްބެވުމަށެވެ. އަޅުގަނޑުގެ ހެޔޮދުޢާއަކީ މާތް ﷲ ސުބުޙާނަހޫވަތަޢާލާ އަޅުގަނޑުމެން އެންމެނަށް ހެޔޮވިސްނުން ދެއްވުމެވެ. އެއިލާހުއީ އަޅުންގެ ދުޢާތައް އައްސަވައި އިޖާބަކުރައްވާ އިލާހެވެ.
وآخر دعوانا أن الحمد لله رب العالمين.
سبحان ربك رب العزة عما يصفون وسلام على المرسلين، والحمد لله رب العالمين.
والسلام عليكم ورحمة الله وبركاته.
6.ޖުލައި 2010މ.
24 ރަޖަބް 1431 ހ.
ޙުސައިން ރަޝީދު އަޙްމަދު
(ރައީސް)




{ 3 ކޮމެންޓް }
އަޅުގަނޑުމެން ތިޕާޓީ އަށް ނިސްބަތްވާތީ މިހާރު ލަދުގަނޭ. ދީނީ އިލްވެރިންގެ ފަރާތުން ހާއްސަކޮށް ޑރ. މަޖީދުއާ ޟެއިހް ހުސެންގެ އަމިއްލަ އެދުމާ މަގާމާ ފައިސާގެ ދަހިވެތި ވުމުގެ އަމަލުތަކުން. ޑރ. މަޖީދު މަޤާމުބޭނުން ވިޔަސްތީ ހަމަތަން ފުކެށް ބޮޑުވަރު. ރައްޔިތުންގެ މަޖިލިސް އިން ރުހުންނުދެނިސް މަގާމާގެ ހުވާކޮށް ހީލަތްތެރި މަކަރުވެރި އޮޅުވާލުމުގެ ޑްރާމާގައި ޤައިމުގެ ދީނީ ތާޖްއަޅުއްވާގެން އުޅޭބޭފުޅުން ވެސް ބާވެރިވެ އަންނަށް އޮތް ޖީލުތަކަށް ދީނީ، ސިޔާސީ އިޖްތިމާއީ އަހްލާގީގޮތުން ތިދައްކާދޭ މިސާލުތަކަށް ޕާޓީގެމެންބަރެއްގެ ހައިސިއްޔަތުންނާ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ލަދުގަނެ ސުކުރުގެ ބަސްތަށް ޑރ. މަޖީދުއަށް ވެދުންކުރަން. ޑރ. މަޖީދުމެން މިހާރު މަގާމުގެ ބޭނުމުގައި އެމް. ޑީ. ޕީ އަށްވެސް ބަދަލުވުމަކަށް ފަސްޖެހޭނެ ހެނެތް ހިޔެތްނުވޭ. މާތްﷲ އަދާލަތް ޕާޓީ އަމިއްލަ އެދުމާ ދުނިޔައަށް މަސައްކަތްކުރާ މީހުންގެ ފަރާތުން ސަލާމަތް ކުރައްވާންދޭ. އާމީން
ޝޭޚުގެ ޚިޠާބަކީ ޤާނޫނީ އިލްމާއި ހިލްމު ހިއްސާކުރާ މުހިއްމު ހިޠާބެކެވެ. އަދާލަތުޕާޓީގެ އިސްވެރިންނަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު ގައުމަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރެވޭތޯ އިޚްލާސްތެރި ކަމާއެކު، މަސައްކަތް ކުރައްވާ ޕާޓީއެކެވެ.
ދައުލަތް ހިންގުމާ ޙަވާލުވެތިއްބެވި ތިންބާރުގެ ވެރިންނަށާއި ދައުލަތުގައި އުފެދިފައިހުރި އެންމެހައި މިނިވަން މުއައްސަސާ ތަކުގެ ބޭފުޅުންނަށް ޢަދާލަތުޕާޓީގެ ފަރާތުން ގޮވާލަނީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ދެއްވުމަށެވެ މިދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ، ވެރިކަން ހިންގުމުގެ ނިޒާމު، މިއޮތީ ތިންބާރު ވަކިވެފައި އޮތް ރިޔާސީ ނިޒާމެއްގެ ގޮތުގައިކަން ހިތުގެއަޑީން ޤަބޫލު ކުރެއްވުމަށެވެ”ޝޭޚްވިދާޅުވީ ވަރަށްބޮޑު ތެދުފުޅެކެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު ރާއްޖޭގެ ސިޔާސީ ހާލަތު އޮތްގޮތުން މިދައުލަތް ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިކޮށް ދިނުމަކީ، އަދުގެ ޒުވާނުންނާއި، ހަރުމީހުންގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބަކަށް ވީހިނދު، ދައުލަތުގެ 3 ބާރުގެ އިސްވެރިން ރައްޔިތުންނާއި ދައުލަތުގެ މައްޗަށް އިޚްލާސްތެރިވުމަކީ، ދީނީގޮތުންނާއި ގައުމީގޮތުން އެފަރާތްތަކުގެ މައްޗަށް ލާޒިމުކުރާ ކަމަކަށް ވީހިނދު، ދައުލަތުގެ އެގްޒެކްޓިއު ބާރު، ނުވަތަ ސަރުކާރު ޤާނޫނު ތަސްފީޒް ކުރުމުގައި ފަހަތަށް ނުޖެހޭށެވެ’ އަދުލު އިންސާފް ޤާއިމުކުރުމުގެ ބާރު، ޝޫރާގެ މަތިވެރި އުސޫލުން ގައުމުގައި އަދުލުއިންސާފް ޤައިމުކުރާށެވެ’ ޤާނޫނު ހެދުމުގެ ބާރު، ރައްޔިތުންގެ މަޖިލީހުން އެކަށައަޅާ ޤާނޫނަކީ، ރައްޔިތުންގެ މައްޗަށް ތަންފީޒް ކުރެވޭ ހިނދު، ކެހިވެރި ވިސްނުންތަކުން އެއްކިބާވެފައިވާ ރައްޔިތުންނަށް މަންފަޢަ ހުރި ޤާނޫނުތަކަކަށް ހައްދަވާށެވެ. މިހިކުމަތުން އެއްކިބާވެ ދައުލަތުގެ 3 ބާރު ނަހަމަގޮތުގައި ބޭނުންކޮށްފި ނަމަ، މިގައުމުގެ މުސްތަގުބަލު ހަލާކުވެ ވެރިކަމުގެ ބާރު ތަޢައްޔަރުވެ ގައުމުގެ ސުލްހަ މަސަލަސްކަން ފާލުންނެއްޓި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދާދިއަވަހަށް ގެއްލިދާނެއެވެ.