ޤައުމީ ދުވަހު އެމްއެންބީސީ ވަންއިން އަޅުގަނޑާމެދު ގެނައި ރިޕޯޓާމެދު އަޅުގަނޑުގެ ބަސް

މުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ ޢަދާލަތުޕާޓީގެ އިސްތަރުޖަމާން

އާދެ! އެމްއެންބީސީއަކީ، އަޅުގަނޑު ނުހަނު އިޙްތިރާމްކުރާ ބަޔަކު އިސްވެތިއްބެވި މުއައްސަސާއެކެވެ. ( ޓީވީއެމްގެ ދުވަސްވަރުން ފެށިގެން) ދިވެހިޤައުމު ދީނީ ގޮތުން ހޭލުންތެރިކުރުމާއި، އެއްބައިވަންތަކަން ދެމެހެއްޓުމާއި، މަޢްލޫމާތުގެ ގޮތުން މުޖްތަމަޢު މުއައްސަނދި ކުރުމުގައި އެމްއެންބީސީއިން ( ޓީވީއެމް) އަދާކޮށްފައިވާ ފަދަ މަތިވެރި އެއްވެސް ދައުރެއް އެހެންބަޔަކު އަދާކޮށްފައި  ނުވާކަންވެސް ފާހަނގަކުރަމުން ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހު، އެމްއެންބީސީ 1، އިން، ހެނދުނު 10، މެންދުރު ފަހު، 2، އަދި ރޭގަނޑު 8ގެ ޚަބަރުގައި ތަކުރާރުކޮށް ފޮނުވަމުން ދިޔަ ރިޕޯޓެއްގައި އަޅުގަނޑާމެދު، ފަތުރާފައިވާ ޚަބަރުތައް އަޅުގަނޑު ތަޙައްމަލްކުރީ ޙައިރާންކަމާއި، އިތުރު ހިއްވަރަކާއި، ސާބިތުކަމާއެކީގައެވެ.

ދިވެހިރައްޔިތުންގެ މީޑިޔާއިން، އުފާވެރި ޤައުމީ ދުވަހު، އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާއާއި ދަރީންނާއި ރަޙްމަތްތެރިންނާއި، ދަރިވަރުންނާއި އެކުވެރިން ރޮއްވާލުމުން އެމް.އެން.ބީ.ސީ އަށް ލިބުނީ ފަހެ ކޮން އުފަލެއް ހެއްޔެވެ؟ ޙާޞިލްކުރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އެމް.އެންބީސީ އިން މިކަން ކޮށްފައިވަނީ ކޮން މަޤްޞަދެއްގައި ކާކުގެ އަމުރަށް ބާވައެވެ؟ އެ ވީޑިއޯގެ ޙަޤީޤަތާ ބެހޭގޮތުން އަޅުގަނޑާ އެއްވެސް ސުވާލެއް ކޮށްލުމެއްވެސް ނެތި އަޅުގަނޑު ކަތިލީ ފަހެ ކޮން ސަބަބަކާ ހުރެތޯއެވެ؟ އެޑިޓްކުރެވިފައި ހުންނަ ވީޑިއޯތަކަކީ މީހުންގެ ޝަޚްޞިއްޔަތު ކަތިލަން ކިހާވަރުގަދަ ޙުއްޖަތެއްތޯއެވެ؟ އެފަދަ ވީޑީއޯތަށް ނަގައިގެން މީހުންގެ ޝަޚްޞިއްޔަތު ދުއްވާލުމަކީ ޒިންމާދާރު ނޫސްވެރިކަމެއްތޯއެވެ؟

ދައުލަތުގެ މުއައްސަސާއަކުން މި ފަދަ ކަންކަން ހިނގާފާނެކަމީ ދުވަހަކުވެސް އުންމީދު ކުރިކަމެއްނޫނެވެ. މީހުންގެ ޝަޚްޞިއްޔަތު ޤަތުލުކުރުމާއި މީހުންގެ އަގުވައްޓާލުމުން، އެމީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި، މުސްތަޤްބަލަށް ކުރާނެ ނޭދެވޭ އަސަރު މި ސަރުކާރުގެ ވެރިންނަށް ވުރެން ބޮޑަށް ތަޖުރިބާކުރެވިފައިވާނެ ދެވަނަ ބަޔަކު މިރާއްޖޭގައި އުޅޭނެބާވައެވެ؟ ދައުލަތުގެ މީޑީޔާ ވާންޖެހޭނީ ކުރިއަށް ވުރެން އަބުރުވެރި އެއްޗަކަށެވެ. ދިވެހިކޮށްމެ ރައްޔިތެއްގެ ޝަރަފް ދެމެހެއްޓުމަކީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަސްއޫލިއްޔަތެކެވެ. ތިމާއާއި ޚިޔާލުތަފާތުވެއްޖެ ކޮންމެ މީހަކަށް ޖިސްމާނީ ގޮތުން، ނުވަތަ މަޢްނަވީ ގޮތުން ގެއްލުން ދިނުމަކީ ބުއްދިވެރިޔަކު ކުރާނޭ ކަމެއްނޫނެވެ. ދައުލަތުގެ މީޑިޔާއިން ވަކި ވަކި ފަރުދުންގެ އަބުރުގެއްލުވާލުމުން ދޭހަކޮށްދެނީ ކޮން ޙަޤީޤަތެއްްތޯއެވެ؟ ސިޔާސީ ގޮތުން ދިމާކުރުމުގެ ބަދަލުގައި ޒާތީގޮތުން ދިމާކޮށް، އަބުރު ނަގާލުމަކީ އެއީ ޒިންމާދާރު މުއައްސަސާތަކުން ކޮށްފާނެކަމެއްތޯއެވެ؟ ޢަމުދުން ރައްޔިތުންގެ މުއައްސަސާއަކުން ރައްޔިތުންނާމެެދު ކުރަން ހެޔޮވަރުގެ ކަމެއްތޯއެވެ؟ ޒާތީގޮތުން އަޅުގަނޑުމެންގެ ޝަޚްޞިއްޔަތު ޤަތުލުކުރުމަކުން، ބަޔަކު ހިންގާ ޣައިރު ޤާނޫނީ ޢަމަލުތައް، ޤާނޫނީ ކަންކަމަށް ބަދަލުވެގެންދާނެތޯއެވެ؟ އަނިޔާވެރިކަމެއް ނިޔާވެރިކަމަކަށް ބަދަލުވާނެތޯއެވެ؟ ބައެއްގެ ހިތުގައި އޮތް ނަފްރަތެއް ލޯތްބަކަށް ބަދަލުވާނީތޯއެވެ؟

ސިޔާސީ މަޤްޞަދަކަށްޓަކައި ޒާތީގޮތުން ދިމާކޮށް ކިތައްމެ ފުރައްސާރައެއްކުރިކަމުގައި ވިޔަސް، ކިތައްމެ ބަދުނާމެއް ބޮލުގައި އެޅުވިޔަސް، ޝަޚްޞިއްޔަތު ޤަތުލުކުރުމަށް ކިތައްމެ ބިރެއް ދެއްކިޔަސް، ކިތައްމެ ފަޟީޙަތެއް ކުރިޔަސް، ބަޔަކަށް ދެއްވަން ހުރި ޢިއްޒަތެއް ﷲ ދެއްވާނެއެވެ. ކިތައްމެ ބަދުނާމެއްކުރިޔަސް، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފިކުރާއި ޟަމީރު އަޅުވެތި ކުރެވޭނެ ހަމަ އެއްވެސް މަގެއް ނޯންނާނެއެވެ! ބަދު އަޚްލާޤީ ޢަމަލެއް އެއްވެސް މީހެއްގެ މައްޗަށް ސާބިތުކުރުމަކީ، އެކަމުގައި ޝަރުޢީ މަތިވެރި އިންތަކެއް ލެއްވިގެންވާކަމެކެވެ. ދައުލަތުގެ މީޑިޔާއިން ވަކި ވަކި ފަރުދުން ބޭޒާރު ކުރުމުން، އެ ބޭޒާރު ކުރެވެނީ އެއްމެ މީހެއްނޫނެވެ. އެތަށް ބަޔެކެވެ. އެ ލަދުވެތި ކުރުވެނީ އެތަށް މަޢުޞޫމް ކުޑަކުދީންނެކެވެ. ޝަރުޢީ ގޮތުން އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށްވެރިއެއްނޫނެވެ. އަޅުގަނޑުގެ ބޮލުގައި އަޅުވާފައިވާ ޒިނޭގެ އިލްޒާމުތަކުން އަޅުގަނޑު ބަރީއަވެގެންވަމުއެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސަށް އޮތް ޔަޤީންކަމާ އިތުބާރު ވަރަށް ބޮޑެވެ.

އިންސާނުންގެ އަބުރާ ޝަރަފަކީ އިސްލާމްދީނުގައި އެންމެ މަތިވެރި މަޤާމެއް ދެއްވާފައިވާ ފަސް ކަމުން ކުރެ އެއްކަމެވެ. އިސްލާމްދީން ބާވާލެއްވުނު މަތިވެރި ފަސް މަޤްޞަދުގެ ތެރޭގައި މީސްތަކުންގެ އަބުރާއި ޝަރަފް ޙިމާޔަތްކުރުން ހިމެނިގެންވެއެވެ. ޚާއްޞަކޮށް މިފަދަ ޒަމާނެއްގައި، އެއްބަޔަކު އަނެއްބައެއްގެ އަބުރު ޙިމާޔަތްކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދަމަހައްޓަކައި، ނެގެހެއްޓުމަކީ އެންމެހާ ރައްޔިތުންނާއި، އިސްލާމީ ޖަމާޢަތުގެ ވެރިކަމާއި، މީޑިޔާއާއި، އެންމެހާ މުއައްސަސާތަކުގެ ޤައުމީ މަސްއޫލިއްޔަތެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ސިޔާސީ އެއްވެސް މަޤްޞަދެއް  ޙާޞިލްކުރުމަށްޓަކައި، އެއްވެސް ބަޔަކު އަނެއްބައެއްގެ ޝަޚްޞިއްޔަތު ޤަތުލުކުރުމާއި، މީޑިޔާ މެދުވެރިކޮށް ވަކިވަކި ފަރުދުންގެ އަބުރު ނަގާލުން ފަދަ ކަންކަންކުރުމަކީ، ސިޔާސީ އަޚްލާޤިއްްޔާތާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ތަރަހައިން ބޭރުގައިވާ ކަމެކެވެ.

އަޅުގަނޑަށް ހެޔޮ ދުޢާ ރައްދުކުރައްވައި، މެސްޖްކުރެއްވި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ ހިތް ވަރަށް ތަނަވަސްވެގެންވެއެވެ. ފުރައްސާރަކުރި އެންމެނަށް މަޢާފްކުރަމެވެ. ނިންމާލަމުން އެމްއެންބީސީއިން ރިޕޯޓް ލިޔުއްވި ދެބޭފުޅުންނަށްް ދަންނަވާލަން އޮތީ އެހެން މީހުންގެ އަބުރާއި ޝަރަފް ނަގާލުމުގެ ކުރިން ކޮންމެ މީހަކު ވެސް ތިމާގެ އަމިއްލަ ނަފްސު ޙިސާބުކޮށްލުމަކީ މުހިންމުކަމެއްކަމުގައެވެ. އެމް.އެންބީސީގެ ކުރީން އަމިއްލަ އެހެން ޗެނަލަކުން ވެސް މިޚަބަރުތައް ފަތުރާފައިވެއެވެ. ނަމަވެސް އެމްއެންބީސީ އަކީ، ދިވެހި އެންމެހާ ރައްޔިތުންގެ ޙިއްސާ އޮތް ޤައުމީ މުއައްސަސާއެއްކަމުން އެމްއެންބީސީގެ ރިޕޯޓާމެދު އެއްޗެއް ދަންނަވަންޖެހުނީއެވެ.

3 Responses to ޤައުމީ ދުވަހު އެމްއެންބީސީ ވަންއިން އަޅުގަނޑާމެދު ގެނައި ރިޕޯޓާމެދު އަޅުގަނޑުގެ ބަސް
  1. ޙުސެން
    January 27, 2012 - الجمعة 05 ربيع الأول 1433 | 07:52

    ދިވެހި ސަރުކާރު މިހާރުމިވަނީ ނޭވާހޮޅިޔަން އެޅިފައެވެ.”ވީމާ މަރުންސަލާމަތް ވުމަށްޓަކައި
    ކުރެވެންހުރި ހުރިހާކަމެއް ކުރެވޭތޯ ކޮންމެމީހަކުވެސް ބަލާނެއެވެ.
    މިހާރު މިތިއްބެވި ވެރިން އެވެރިންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި މާތްބަފައިން ކަތިލައިގެންކަމަށް ވާނަމަ އެކަންވެސް ކުރާނެއެވެ.
    ޝަހީމުއައް ބުނެލަންއޮތީ އިތުރު ހިއްވަރާއިއެކު މިޤައުމު ސަލާމަތްކުރެއްވުމަށްޓަކައި ތެދުވާސެވެ.

  2. Nasru
    January 28, 2012 - السبت 06 ربيع الأول 1433 | 22:52

    Sheikh Mohamed Shaheem Ali Saeedhakee mirajjeygai enme ginabayaku gadharaai izzai ihuthiraamaai loabi libifaivaa enmezuvaan eh shakhusiyyatheve ehenkamun sheikh siyaasee kankamugai sarukaarun kuriyah gendhaa fikuree haguraama aai faalhugai dhekolhu hadhaa vaahaka dhakkaa theeve misarukaaruge varah bodu birakah sheik shaheem vanee vefaeve

    Ehen kamun sheikh Shaheem badhunaamukoh aguvattaalan sarukaarun hingaa propegandaa eh kamah gaboolu kureveve
    mikamakee sarukaarah faadu kiyaa hurihaa beyfulhunah ves oi birekeve

  3. Luth'fy
    January 31, 2012 - الثلاثاء 09 ربيع الأول 1433 | 02:04

    Alhugandumen Sheikh Shaheemah dhannavan othee mimududhaaru geribakari valujanavaaru usool gengulhey sarukaaraai dhekolhah saabithukamaai eku nukunnan vee ey mi ee dhuvahakuves migaumu nudhekey fadhadha bodu vabaa ekeve
    insaanee karaamathaa sharafaai izzai nagaalumah masakkai kuraa bodu vabaa ekeve

    Gaumugai thibi dheenee ilmuveringe bayakah bodumusaarudhee magufuradhaa fieve dhannavan othee misarukaaruge bahah helli sarukaaru dhifaau kurumah loamathin feni adu ivey kanthah thah olhuvaalaa ulheynee mihaaru migaumugai thibi feyku sheikhun kan kashavareve