ޕާޓީގެ ރައީސާއި ނައިބް ރައީސްގެ ވަކީލުންގެ ޓީމްގެ ބަޔާން 02

މި ހިންގަމުންދާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ މެނދުރު ފަހު، ހިގަމުންދިޔަ ޞުލްޙަވެރި އެއްވުމުގައި ބައިވެރިވެއުޅުއްވަނިކޮށް ޢަދާލަތުޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲއާއި، ނައިބްރައީސް ޑޮކްޓަރ މަޢްރޫފް ޙުސައިން ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސް، އިތުރަށް މުއްދަތު އިތުރުކުރުމަށް މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ކޯޓަށް ގެންދިޔައެވެ. އެބޭފުޅުންނާ މެދު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތުހުމަތުކުރައްވާފައިވަނީ ޣައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވުމާއި ޤައުމުގެ އަމަންޢާއްމު ނަގާލުމާއި، މާލޭގައި ހުޅުޖެހުމާއި ގޭގެއަށް ގެއްލުން ދިނުންފަދަ އޮއްޓަރެއް ނެތް ތުހުމަތު ތަކެވެ. މިކަންކަމަކީ މިއީ އެދެބޭފުޅުން އެކަންކަމުން ބަރީއަވެގެންވާ ކަންކަމެވެ. މިއީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި އެންމެހާ މުއައްސަސާތަކުން ދަންނަ ޙަޤީޤަތެކެވެ. މިގޮތުން، ޝަރީޢަތުގެ މަޖްލީހުގައި ފުލުހުންނަށް އެކަށީގެންވާ ހެކިތަކާއި ޤަރީނާއެއް ދެއްކެވިފައި ނުވާތީ، ކޯޓުން ނިންމެވީ އެ ދެބޭފުޅުން ހިފާ ހައްޔަރުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށްކަމުގައިވާތީ އެ ދެބޭފުޅުން ދޫކޮށްލުމަށެވެ. ކޯޓުގެ މި ނިންމެވުމަށް ޢަދާލަތުޕާޓީން މަރްޙަބާ ދަންނަވަމެވެ.

ޤާނޫނީ ވަކީލުންގެ ޓީމްގެ ފަރާތުން

މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

One Response to ޕާޓީގެ ރައީސާއި ނައިބް ރައީސްގެ ވަކީލުންގެ ޓީމްގެ ބަޔާން 02
  1. ahmed
    January 22, 2012 - الأحد 29 صفر 1433 | 08:26

    ތި ނިމުނީތަ؟ ކޮބާ ބަދަލު؟